ޚަބަރު

ފަރަށް އެރި ލޯންޗަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި


  • "ޑީޓުއަރ ޓްރަވެލްސް" ނަމަކަށް ކިޔާ މި ލޯންޗެއް

  • ލޯންޗު ފަރަށް އެރީ ކުލަބު އަދާރަން ރަންނާޅި ރިސޯޓްގެ އިރުއުތުރުން ބޭރުގައި އޮތް ފަރަކަށް

  • މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 19:32 ހާއިރު

ފަރަށް އެރި ލޯންޗަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެ އަތޮޅު، ކުލަބު އަދާރަން ރަންނާޅި ރިސޯޓްގެ އިރުއުތުރުން 2.53 ނޯޓިކަލް މޭލު ބޭރުގައި އޮތް ފަރަކަށް އެރި ލޯންޗަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރޭ 19:32 ހާއިރު ލިބުމާއެކު މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް، ޑައިވަރުންނާއެކު އެ ސަރަހައްދަށް ވަނީ ގޮސްފައެވެ.

އެގޮތުން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެސަހައްދަށް ގޮސް ކުރި މަސައްކަތުން އެ ލޯންޗް ފުންކުރެވިފައި ވަނީ ރޭ 21:40 ހާއިރުއެވެ. "ޑީޓުއަރ ޓްރަވެލްސް" ނަމަކަށް ކިޔާ މި ލޯންޗް ފަރަށް އެރިއިރު ދެ ފަސިންޖަރުންނާއި ދެ ކުރޫންނާއެކު ޖުމްލަ 4 މީހުން މި ލޯންޗުން ދަތުރުކުރިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު، މި ލޯންޗް ފުންކުރުމަށްފަހު ލޯންޗްގެ ހަލް ޗެކްކޮށް ލިބިފައިވާ ގެއްލުން ބަލައި ދަތުރުކުރުގެ ހުއްދަ ދިނުމުން މި ލޯންޗް ވަނީ މާލެ އައިސްފައެވެ. މި ލޯންޗުން ދަތުރުކުރި ދެ ފަސިންޖަރުން މާލެ އޭރިއާ ކޮމާންޑް ކޯސްޓާގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗްގައި ރޭ 22:31 ހާއިރު ވަނީ މާލެ ގެނެވިފައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.