ސްރީ ލަންކާގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ޗެލެންޖް ކަޕުގެ ހިންގާ ބަލެހެއްޓުމުގެ ހުރިހާ ކަމެއް ކުރުމަށް އެކުލަވާލި ކޮންޓްރޯލް ކޮމިޓީގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެން ރެފުރީއަކު ހިމެނިއްޖެއެވެ.
ސައޫދީ އަރަބިއްޔާ އާއި، އުޒްބެކިސްތާނާއި، އަފްޣާނިސްތާނާއި، ލަންކާ އާއި، ނޭޕާލް، އަދި ބަންގްލަދޭޝް ހިމެނޭ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 9 އިން 16 އަށެވެ. މި މުބާރާތުގެ ކޮންޓްރޯލް ކޮމިޓީގައި ރާއްޖޭގެ ޤައުމީ ރެފުރީ އާއިދާ އަބްދުލް ހަކީމުގެ އިތުރުން ހަ މެންބަރަކު ހިމެނެއެވެ. އެއީ އީރާނުގެ ތިން މެންބަރަކާއި މުބާރާތް ބާއްވާ ލަންކާގެ ދެ މެންބަރުގެ އިތުރުން ކާވާގެ ރައީސް މުޙައްމަދު ލަތީފެވެ.
ބޮޑު މުބާރާތެއްގެ ކޮންޓްރޯލް ކޮމިޓީގައި އާއިދާ ހިމެނުނުއިރު، އޭނާއަކީ ރާއްޖޭގެ ވޮލީގައި ގިނަ ޚިދުމަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. އެގޮތުން ރާއްޖޭގައި ބާއްވާފައިވާ ގިނަ މުބާރާތްތަކެއްގައި ރެފުރީކަން ކުރުމުގެ އިތުރުން އެސްޕިރޭޝަން ފޯ އޯލް އިނިޝިއޭޓިވް ސްޕޯޓްސް ކުލަބުގެ ނަމުގައި ކުލަބެއް ހިންގައި، ގިނަ މުބާރާތެއްގައި އެ ކުލަބު ވަނީ ވާދަކޮށްފައެވެ.
މެންސް ޗެެލެންޖް ކަޕުގެ ކޮންޓްރޯލް ކޮމިޓީގައި ހިމެނުމުގެ އިތުރުން މި މަހުގެ 4 އިން 6 އަކަށް ލަންކާގައި ކުރިއަށްދާ ވޮލީބޯޅަ އިންފޮމޯޝަން ސިސްޓަމް (ވީއައިއެސް) ކޯހުގައިވެސް އާއިދާ ބައިވެރިވާނެއެެވެ.
ކާވާގެ ރައީސް ކަމަށް ރާއްޖޭގެ މުޙައްމަދު ލަތީފް އައްޔަންކުރެއްވި ފަހުން ގިނަ ދިވެހިންނަށް މުބާރާތްތަކުންނާއި އެކި ކޯސްތަކުން ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ. މި ކޯސްތައް ފުރިހަމަކޮށް އިންޓަރނޭޝަނަލް އެންމެ މަތީ ހަރުފަތްތަކަށް ދިވެހިން ވާސިލުވެފައިވާކަން ފާހަގަކުރެވެއެވެ.
އޭގެ ތެރޭގައި ކާވާ ޓެކްނިކަލް ޑެލިގޭޓްސް ކޯސް ފުރިހަމަކޮށް އަޙްމަދު ނަޝީދާއި އަޙްމަދު ސަލީމް ވަނީ އިންޓަރނޭޝަނަލް ޓެކްނިކަލް ޑެލިގޭޓްސްއަށް ކޮލިފައިވެއެވެ. އަދި ނަޝީދު ވަނީ ނޭޕާލުގައި ބޭއްވި ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ޓެކްނިކަލް ޑެލިގޭޓްސްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި އަޙްމަދު އިބްރާހީމް ވަނީ އުޒްބެކިސްތާނުގައި ވީއައިއޭއެސް ކޯސް ފުރިހަމަކޮށް ކޯހުން ފާސްވެފައެވެ.
މީގެ އިތުރުން މިދިޔަ މަހު ބަންގްލަދޭޝްގައި ބޭއްވި ކާވާ ބީޗް ވޮލީބޯޅަ ޓުއާގައި ހުސައިން މުޙައްމަދު ޓެކްނިކަލް ސްޕްވައިޒަރުގެ ގޮތުގައި މަސައްކަތްކޮށްފައިވާއިރު، އިސްމާޢީލް އަބްދުﷲ (އިންމަ) ވަނީ މުބާރާތުގައި ރެފުރީކަން ކޮށްފައެވެ.