ޚަބަރު

1.3 މިލިއަން ފަތުރުވެރިންނާއެކު ސިނާއަތަށް 14.3 އިންސައްތައިގެ ކުރިއެރުމެއް


  • ސެޕްޓެމްބަރުމަހު 130961 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

  • މިއީ މިދިޔަ އަަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު %16.9 އިތުރު އަދަދެއް

  • އެންމެ ގިނައީ ރަޝިއާ ފަތުރުވެރިން

މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.3 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.19 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 1.36 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެެވެ.

ޓޫރިޒަމް މިނިސްޓްރީގެ "ޑެއިލީ އަޕްޑޭޓް" ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުވެސް ރާއްޖެއަށް 130000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 16.9 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން

* ޖަނަވަރީ - 172،499 ފަތުރުވެރިން
* ފެބްރުއަރީ - 177،915 ފަތުރުވެރިން
* މާރޗް - 173،514 ފަތުރުވެރިން
* އޭޕްރީލް - 164،357 ފަތުރުވެރިން
* މެއި - 120،959 ފަތުރުވެރިން
* ޖޫން - 120،363 ފަތުރުވެރިން
* ޖުލައި - 145,620 ފަތުރުވެރިން
*އޮގަސްޓް – 154،854 ފަތުރުވެރިން
*ސެޕްޓެމްބަރ – 130،961 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 150000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

* ރަޝިއާ – 156905 ފަތުރުވެރިން
* އިންޑިއާ – 149587 ފަތުރުވެރިން
* ޗައިނާ – 145982 ފަތުރުވެރިން
* އިނގިރޭސިވިލާތް – 108608 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4986 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ އަހަރު ސަރުކާުރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.