"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ލަވައިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދި ގދ. ތިނަދޫ ސްޓާލިން މަރިޔަމް އަޙްމަދުދީދީ ނިޔާވެއްޖެއެވެ.
މަރިޔަންދައްތަ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރަކީ 73 އަހަރެވެ. މަރިޔަންދައްތަގެ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހުގައި ތިނަދޫގެ މަސްޖިދު ތަޤްވާ މިސްކިތުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރިޔަންދައްތަ ދިރިއުޅޭ ގޭގައި ވެއްޓިފައި އޮއްވާ ފެނިގެން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
— KashunamaadhuMV (@MvKashunamaadhu) October 8, 2023
މަރިޔަން ދައްތައަކީ އުމުރުން އެންމެ 7 އަހަރުގައި ލަވަކިޔަން ފެށި މީހެކެވެ. "ފެންމީރުވި ރީތި ރަށޭ މިއީ، ރޫހުވަނީ ތިނަދޫގައޭ" ލަވައިން ބޮޑު މަޤުބޫލުކަން ހޯދުމަށް ފަހު، ކުޅަދާނަ ޅެންވެރިޔާ އަބްދުﷲ އަފީފްގެ ގިނަ ޅެންތަކެއް މަރިޔަމްދައްތަގެ އަޑުން ރެކޯޑް ކޮށްފައިވެއެވެ.
މަރިޔަން ދައްތަ ވަނީ ލޯބީގެ ލަވައާއި ޤައުމީ ލަވައާއި މަދަހަވެސް ކިޔާފައެވެ.
ފެނުމުގެ ހިއްސުން މަހްރޫމުވެފައިވާ މަރްޔަމް އަޙްމަދުދީދީއަށް 1982 ވަނަ އަހަރު ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.