ޚަބަރު

ފަލަސްތީނު މައްސަލައިގައި ޑރ. މުޢިއްޒު ކުރެއްވި ޓުވީޓަށް މިލިއަނަކަށްވުރެ ގިނަ ވިއުސް


  • ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ވައިރަލްވި ޓުވީޓު

  • ޑރ.މުޢިއްޒު ގޮވާލެއްވީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް

  • ފަލަސްތީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުޞަތު ދިނުމަށް ގޮވާލެއްވި

  • ގޮވާލެއްވީ ސަރަހައްދީ ރޮނގާ ހަމައަށް އިސްރާޢީލުން ފަހަތަށް ޖެހުމަށް

ފަލަސްތީނުގެ ބިންތަކުން ޔަހޫދީ އިސްރާޢީލުން ފޭބުމަށް ގޮވާލާ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާއެކު ދިވެހި ތިބިކަން ހާމަކުރުމުގެގޮތުން އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. މީގެ ތެރޭގައި ސިޔާސީ ބޭބޭފުޅުންނާއި، ސިޔާސީ ޕާޓީތަކާއި، އާއްމުންވެސް ހިމެނެއެވެ.

މިގޮތުން އިސްރާޢީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް ދޫކޮށްލައި، އެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާ ކުރެއްވި ޓުވީޓް މިވަނީ ވަރަށް ބޮޑަށް ވައިރަލްވާން ފަށާފައެވެ.

މިމަހުގެ 7 ވަނަ ދުވަހު ކުރެއްވި މި ޓުވީޓަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި 17000 ގިނަ ލައިކްސް ލިބިފައިވާއިރު، 6500 އަށްވުރެ ގިނަ ރީޕޯސްޓް މި ޓުވީޓަށް ވަނީ ލިބިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެއްސަކު ކުރި ޓުވީޓަކަށް މިލިއަނަކަށްވުރެ ގިނަ ވިއުސްލިބި، މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ. އިންތިޚާބީ ރައީސްގެ މި ޓުވީޓަށް ގިނަ ބަޔަކު ވަނީ ކޮމެންޓްވެސް ކޮށްފައެވެ.


އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓުގައި ވަނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިސްރާޢީލުން ފަހަތަށް ޖެހުމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ގޮވާލައްވާފައެވެ. އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށްވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ. މުޢިއްޒުގެ މި ޓުވީޓުގައި ވަނީ ފަލަސްތީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުޞަތު ވަގުތުން ދޭން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ އެތައް ސަތޭކަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން ޣައްޒާއަށް ބޮން އަޅަމުންނެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުންވެސް ވަނީ ގޮވާލައިފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވިގެންކަަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމުގެ ޔަގީންކަން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ދެއްވާފައިވެއެވެ.

މި ބަޔާނުގައި ފަލަސްތީނު ހިފާފައި އޮތް އޮތުމާއި، މާތްވެގެންވާ ގުދުސްއަށް އަތްގަދަކުރުމަކީ ޣައިރު ޤާނޫނީ އަދި ގަބޫލުނުކުރެވޭ ކަމެއް ކަން އިއުލާނުކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.