ޚަބަރު

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި


  • ގަރާރުގެ ނޯޓިސް ފޮނުވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް

  • މައްސަލަ ހުށައެޅިތާ 3 ދުވަސް ފަހުން ވަނީ ބަލައިގަނެފައި ކަމަށް

  • 14 ދުވަސް ތެރޭގައި ނޯޓިސްއަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް ފޮނުވައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށައެޅިތާ 3 ދުވަސް ފަހުން، އެ ގަރާރު ބަލައިގަނެ އެ ގަރާރުގެ ނޯޓިސް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ނޯޓިސް އަށް 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ރައްޔިތުން މަޖިލިހުން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ނިންމެވީ އެމްޑީޕީއަށް އެމަނިކުފާނުގެ ފަރާތުން ގެއްލުން ދިނުމުން ކަމަށް ތުހުމަތުކުރައްވައެވެ. އަދި އެމްޑީޕީގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮވެ، މަޖިލީހުގެ ރައީސްގެ މަޤާމު އެޕާޓީއަށް މުހިންމުކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މީގެ ކުރިންވެސް މަޖިލީހަށް ހުށައެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި ވައްދާފައި އޮތުމުން އެ މައްސަލަ އެޖެންޑާނުކޮށް ބޭއްވުމަށްފަހު، އެ މައްސަލަ ފަހުން ވަނީ އަނބުރާ ނަންގަވާފައެވެ. މައްސަލަ ނަގާފައިވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއިއެކުއެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެއެވެ. މަޖިލީހުގައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ.