ޚަބަރު

ޓްރެފިކް ޖޫރިމަނާ މާފުކުރާ ޕްރޮގްރާމްގައި 800 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ


  • ތަމްރީން ޕްރޮގްރާމްއަކީ 20ގަޑިއިރުގެ ޕްރޮގްރާމެއް

  • ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައި އެދެވޭނެ

  • ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 25 ގެ ނިޔަލަށް

ޓްރެފިކާ ގުޅޭ އުޞޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ބާއްވާ ޚާއްސަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމަވާފައެވެ.

މިއާއެކު ޓްރެފިކާ ގުޅޭ އުޞޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނީ ވަކީ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފުރުހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމުން މިހާތަނަށް 850 މީހުން ބައިވެރިވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު އަންނަނީ އެ ޕްރޮގްރާމް ފެށުމަށްޓަކައި ތައްޔާރުވަމުންނެވެ. އެގޮތުން އެ ތަމްރީން ޕްރޮގްރާމްތައް ބާއްވާނެ ތަނެއް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ހަމަޖެހިފައިވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.

ޖޫރިމަނާ މަޢާފް ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރަމްގައި ބައިވެރިވުމަށް މި މަހުގެ 25 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް ހުށައަޅާ ފަރާތްތަކަށެވެ.

މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.