ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ހޮވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ޤައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.
ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ. މި މަޤާމަށް ރާއްޖެ ހޮވުނުކަން އިޢުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.
މިއާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024 ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ. ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ.
Governor Ali Hashim has been selected as the Chair of the Boards of Governors for the World Bank Group and the IMF for 2024. A historic moment for the Maldives, representing the Asia Pacific region pic.twitter.com/UENDNyhgrb
— MMA (@MMA_Maldives) October 13, 2023
އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ޤައުމުތަކުންނެވެ. މިކަމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖެއަށް މިފަދަ ފުރުޞަތެއް ލިބުނު ފުރަތަމަ ފަހަރުކަމަށާއި، މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ޝަރަފެއް ރާއްޖެއަށް ލިބިގެން ދިޔަ. ވަރަށް ތާރީޚީ ކަމެއް. ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މިފަދަ ފުރުޞަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަޤާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް. މި ފުރުޞަތުގައި މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވަން. އަދި ރާއްޖެއަށް ތިކުރެއްވި އިތުބާރަށްވެސް ޝުކުރު ދަންނަވަން." ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވިއެވެ.
ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި، ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ.
މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންއެވެ.
ދިވެހިރާއްޖެއިން ވޯލްޑް ބޭންކާއި، އައިއެމްއެފްއާއި ގުޅުނީ 1978 ގައެވެ. އެފަހުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމާއި، މާލީ އޮނިގަނޑުތައް ހަރުދަނާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކާރިސާތަކުން އަރައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމާއި، ދިވެހިންނަށް ވަޒީފާއާއި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުން ފަދަ ގިނަ ދާއިރާތަކަކުން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.