ޚަބަރު

ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް ހުޅުވައިފި


  • ފަންޑު ހުޅުވާލައިފައިވަނީ މިމަހުގެ 14 އިން ފެށިގެން 28 ގެ ނިޔަލަށް

  • ބައިނަލްއަގްވާމީ ރެޑް ކްރެސެންޓުތަކުގެ އެހީތެރިކަމަށް ވަނީ އެދިފައި

  • ބީއެމްއެލް އަދި އިސްލާމިކް ބޭންކު މެދުވެރިކޮށް އެހީ ފޯރުކޮށްދެވޭނެ

ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓުން ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމާއަތައް އެހީތެރިވުމަށް އިމަރޖެންސީ ފަންޑެއް ހުޅުވައިފިއެވެ.

10 އޮކްޓޯބަރު 2023 ގައި ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ފަރާތުން ވަނީ ބައިނަލްއަޤްވާމީ ރެޑް ކްރެސެންޓްތަކުގެ ފަރާތުން ދީލަތި އެހީތެރިކަމަށް އެދިފައެވެ.

އިސްރާއިލުން ފޮނުވަމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއަށް އަންނަނީ ހުއްޓުމެއްނެތި ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އެގޮތުން މި އިންސާނީ ކާރިސާގައި އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި މައުސޫމް ތުއްތު ކުދިންގެ އިތުރުން އެތައް ސަތޭކަ ބަޔަކު ދަނީ ކުށެއްނެތި ދުނިޔެ ދޫކުރަމުންނެވެ.

މި ކާރިސާއާއި ގުޅިގެން އަނިޔާވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތައް ދިމާވިކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު ފަލަސްތީނުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެއެވެ. ވުމާއެކު ގިނަ ފަރާތްތަކުންގެ ދީލަތި އެހީ ކާރިސާގައި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަަށް ބޭނުންވާކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި ޣަައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވޭކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެއެވެ.

ޣައްޒާގައި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭގައި ހުޅުވާލެވޭ މި ފަންޑުން ލިބޭ ފައިސާ ބޭނުންކުރާނީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރެފައިވާ އިމަރޖެންސީ އިލްތިމާސްއަށް އިޖާބަ ދިނުމުގެ ގޮތުން އިސްރާއިލުން ދިން ހަމަލާތަކުގައި ޒަހަމްވި ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ގޮތުން އެހީތެރިވުމަށެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ ޣައްޒާއަށް ލިބުނު ޢުދުވާންތަކުގައި ގެއްލުން ލިބުނު ފަަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެހީތަކުގެ ތެރޭގައި ފުރަތަަމަ އެހީ އަދި ޚިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި ދަތުރުކުރެވޭނެ އުޅަނދުފަހަރުތަކަަށް ބޭނުންވާނެ ތެލާއި އެނޫންވެސް ޚަރަދުތައް ހިމެނޭކަމަށެވެ. އަދި ޒަޚަމްވެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް މި ފައިސާ ބޭނުންކުރާނެކަމަށެވެ.


ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާލި މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން 28 އޮކްޓޯބަރުގެ ނިޔަލަށްކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެއެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކުރާނެ އެކައުންޓުތަކުގެ ތަފްޞީލު މޯލްޑިވްސް ރެޑް ކްރެސެންޓުން ވަނީ ހިއްސާކޮށްފަވެއެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްނަމަ؛
އެކައުންޓް ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު
ރުފިޔާ އެކައުންޓް: 7701176022001
ޑޮލަރު އެކައުންޓު: 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށްނަމަ؛
އެކައުންޓު ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓް
ރުފިޔާ އެކައުންޓް: 99010155500036100
ޑޮލަރު އެކައުންޓް: 99010155500036200

ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއި އެހެނިހެން ސަރަހައްދުތަކުގައިވެސް ހިނގަމުންދާ މިފަދަ އަމަލުތަކުގައި އަނިޔާވެ ހާލުގައި ޖެހޭ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތުގައި ދިވެހި ދައުލަތުގެ އެކި އިދާރާތަކުންނާއި ވަކިވަކި ފަރުދުންނާއި، އަމިއްލަ ވިޔަފާރިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ދެއްވާ އެއްބާރުލުމަށާއި ތަރުޙީބަށް އެޖަމާއަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.