ޚަބަރު

މެލޭޝިއާގެ ޢިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި


  • ޒުވާނާ ވެއްޓުނީ މެލޭޝިއާގެ ޢިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން

  • ވެއްޓުނު ސަބަބެއް ސާފެއް ނުވޭ

  • އޭނާގެ ހަށިގަނޑުރާއްޖެ ގެނައީ މިއަދު 10:00ގައި

  • އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީއާއިލާގެ އެދުމުގެމަތިން

މިމަހުގެ 10 ވަނަދުވަހު މެލޭޝިއާގެ ޢިމާރާތަކުން ވެއްޓި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީން ވިދާޅުވީ މަރުވި ޒުވާނާގެ ހަށިގަނޑު މިއަދު ހެނދުނު 10 ޖެހިއިރު ރާއްޖެ ގެނެސްފައިވާކަމަށެވެ. ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތިންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޢިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވެފައި ވަނީ އެޤައުމުގައި ތަޢުލީމް ހާސިލްކުރަމުންދިޔަ އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެކެވެ. މެލޭޝިޔާގެ ހައިކޮމިޝަނުން ވަނީ މިމައްސަލަ ބެލުމަށްފަހު އާއިލާގެ އެދުމުގެ މަތިން ޒުވާނާގެ ހަށިގަނޑު ރާއްޖެއަށް ފޮނުވާފައެވެ.