މަސްތުވާތަކެތި ދަނެގަނެ، ޓެސްޓު ކުރުމަށް 2 މިލިޔަން ޑޮލަރު ނުވަތަ 30.8 މިލިޔަން ރުފިޔާގެ ސާމާނު ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ޖަޕާނުން ރާއްޖެއަށް ހަދިޔާ ކުރި މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެތި ދަނެގަތުމަށާއި، ތަޙްޤީޤު މަރުހަލާގައާއި ދައުވާ ކުރާ މަރުހަލާގައެވެ. އަދި އެ ތަކެތި ޚާއްސަ ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށެވެ.
ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފައއިވާ ތަކެއްޗަކީ އދ. ގެ މަސްތުވާތަކެއްޗާއި ބެހޭ އޮފީހާއެކު އެ ޤައުމުން މިއަހަރުގެ މާރިޗުމަހުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ. އެ ތަކެތި ބޭނުން ކުރާނީ ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި ޓެސްޓު ކުރުމަށެވެ.
ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ރާއްޖެއަށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. އަދި ރާއްޖެއިން އެ ސާމާނާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.
މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ވަނީ ޖަޕާން ސަރުކާރުގެ އެހީގައި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ.
މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދިއުމާއި، ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެކަމަށެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.