ޚަބަރު

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި


  • އަލުން ފުރުޞަތު ހުޅުވާލީ އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ

  • ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ

  • އަލުން ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ގެ ނިޔަލަށް

  • އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށް

ހިއުމަން ރައިޓްސް ކޮމިޝަން، އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވައިލުމުން އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައިވާކަމަށެވެ.

އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަންގެ ނައިބު ރައީސް ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. އެހެންކަމުން ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލެއްވީ، މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭރު އެ ފުރުޞަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެޗް.އާރް.ސީ.އެމްގެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ރައީސް މަރްޔަމް މުނާއާއި، މެންބަރު އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މެންބަރު ސަމާއު އަހުމަދު ނަޖީބުގެ އިތުރުން މެންބަރު މުއުމިނާ ވަޙީދެވެ.