ޚަބަރު

ނުރައްކަތެރި މަސައްކަތްކުރާ ތަންތަނުގެ ރައްކާތެރިކަން ޔަޤީންކުރުމަށް މަސީން ގޮވާލައިފި


  • މަސީން ވަނީ މިމަހުގެ 19 އަދި 21 ވަނަ ދުވަހު ހިނގި ހާދިސާގެ ކަންބޮޑުވުން ފާޅުކޮށްފައި

  • މަސީން ވަނީ އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތްގެ ބިލް އަވަސްކޮށްދިނުމަށް އެދިފައި

  • މަސައްކަތުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލި

ރާއްޖޭގައި ހެވީ މަސައްކަތްކުރާ ނުރައްކަތެރި ތަކެތި ގެންގުޅޭ ފަރާތްތަކާއި އެހެނިހެން މަސައްކަތް ކުރަމުންދާ ތަންތަން ބަލައި ރައްކާތެރިކަން ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން މިފަދައިން ގޮވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީ އެއަރޕޯޓުގައާއި މިމަހުގެ 21 ވަނަ ދުވަހު ހދ. މަކުނުދޫގައި ހިނގި ގޭސް ފުޅި ގޮވުމުގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

މަސީން ނެރުނު ބަޔާނުގައި ބުނީ ބިދޭސީ ކޮންޓްރެކްޓަރަކު މަސައްކަތް ކުރިއަސް، ދިވެހި ކޮންޓްރެކްޓަރަކު މަސައްކަތް ކުރިއަސް މަސައްކަތް ކުރާ ސައިޓާއި ގެންގުޅޭ ތަކެއްޗާއި އާލާތަކަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ. ވަކީން ޚާއްސަކޮށް ނުރައްކަތެރި ކެމިކަލްތަކާއި ގޭހާއި މިފަދަ އެހެނިހެން ތަކެތީގެ ރައްކާތެރިކަމާއި ފެެންވަރާއި އެތަކެތި ގެންގުޅޭ ގޮތާއި ރައްކާކޮށްފައި ބަހައްޓާ ގޮތްވެސް ބަލަންޖެހޭނެކަމަށެވެ.

މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމާއި ސިއްޙަތުގެ ސަލާމަތަށްޓަަކައި އަޅާފައި ހުންނަ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮންނަ އުޞޫލަކާ އެއްގޮތަށް ބަލައި، މަސައްކަތްކުރާ މީހުންނާއި ވަށައިގެން ދިރިއުޅޭ މީހުންގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ މަސީން ބުނެއެވެ. އަދި މިކަންކަމަކީ ވަޒީފާއާއިބެހޭ ޤަނޫނާއި އިމަރާތްކުރުމުގެ ޤާނޫނުންވެސް ދަޢުލަތުގެ މައްޗަށް ލާޒިމްކުރާ ކަންކަމަށް މި ބަޔާނުގައި ބުންޏެވެ.

މަސީގެ ބަޔާނުގައި ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތްގެ ބިލް އަވަސްކޮށްދިނުމަށާއި އެ ޤާނޫނަށް އަމަލުކުރުމަށް އެދިފައެވެ. އަދި މިވަގުތު މަސީއިން 2010 ވަނަ އަހަރު ނެރެފައިވާ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގައިޑްލައިނަށް އަމަލުކުރަމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މަސީގެ ގައިޑްލައިން ދިވެހިބަހާއި، އިނގިރޭސި ބަހުގެ އިތުރަށް ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން އަންނަ އިތުރު 7 ޤައުމެއްގެ ބަހުން ތަރުޖަމާކޮށް މަސީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

މަސީން ވަނީ ހެވީ މަސައްކަތްކުރާ ނުރައްކަތެރި ތަކެތި ގެންގުޅޭ ފަރާތްތަކާއި އެހެނިހެން މަސައްކަތް ކުރަމުންދާ ތަންތަން ބަލައި ރައްކާތެރިކަން ޔަޤީންކުރުމަށް ކަމާބެހޭ ފަރަތްތަކަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އެންމެން އެ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތްކުރުމަށާއި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތުގެ ސައިޓްތައް ބަލައި ކަންކަން އިސްލާޙުކުރުމުގެ ފިޔަވަޅު އަޅަމުން ގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.