ފ. މަގޫދޫގައި އެއަރޕޯޓް އަޅަމުންދާ ސަރައްހަދު އެރަށުގެ ކައުންސިލްގެ އިހްތިސާސް ނުވަތަ ބާރުން ވަކިކޮށް އެ ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން ފ. މަގޫދޫގެ އިދާރީ އިހުތިސާސަށް ބަދަލު ގެނައުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެގަރާރު ގެޒެޓުކުރައްވާފައެވެ.
އެއަރޕޯޓު ހަދަން ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ މަގޫދޫގައި ފަށާފައެވެ. މިމަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ 206 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މަގޫދޫގައި ޖުމްލަ 48 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއަރޕޯޓް ޤާއިމުކުރުމަށްޓަކާ ހިއްކާ 30.8 ހެކްޓަރުގެ ބިމާއި ސިނާޢީ މަސައްކަތްތަކަށާއި އިޖުތިމާޢީ ބޭނުންތަކަށް ހިއްކާ 17 ހެކްޓަރުގެ ބިމެވެ.
މިމަޝްރޫޢުގެ ދަށުން 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކުރުމަށްވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރާނެ ކަމަށް ސަރުކާރުން މީގެކުރިންވަނީ ވިދާޅުވެފައެވެ.
މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ.
ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅުކަމަށްވާ ފ.އަތޮޅު މަގޫދޫގައި ތަރައްޤީކުރާ މި އެއަރޕޯޓުގައި މަތިންދާ ބޯޓްތަކަށް ތެޔޮ އެޅޭނެގޮތަށް ފިއުލް ފާމެއްވެސް ހުންނާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.