މި އަހަރުގެ 3 ވަނަ ކުއާޓަރުގައި ރާއްޖޭގެ މައިގަނޑު ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ.
އެމް.އެމް.އޭއިން މިކަން ހާމަކުރައްވާފައިވަނީ، ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައެވެ.
އެމް.އެމް.އޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިޤްތިޞާދުގައި ހިމެނޭ މުހިންމު 4 ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރގެ ބިޒްނަސް ސަރވޭ ރިޕޯޓުގައިވާގޮތުން މައިގަނޑު ހުރިހާ ސިނާއަތްތަކެއްގައި ވަޒީފާތައް އިތުރުވެފައިވާއިރު، އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެދިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އަދި މި މުއްދަތުގައި ކޮންސްޓްރަކްޝަން ސިނާއަތުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެފައިވަނީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައިވެސް އެ ސިނާއަތުގައި ވަޒީފާތައް އުފެދުނު މިންވަރަށްކަމަށް ރިޕޯޓުގައިވެއެވެ.
މިއަހަރުގެ 4 ވަނަ ކުއާޓަރއަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންގެ ދުވަސްވަރުކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ލަފާކުރެވޭކަމަށް ސަރވޭގެ ބައިވެރިން ބުނެފައިވެއެވެ.
އެހެންނަމަވެސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކާއި އިމާރަތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިއަހަރުގެ 4 ވަނަ ކުއާޓަރުގައި އެ ސިނާއަތްތައް މަޑުޖެހުމަކަށް އަންނާނެ ކަމަށް ލަފާކޮށްފައެވެ.
އެމް.އެމް.އޭގެ ރިޕޯޓުގައިވާގޮތުން ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް ދޭ ކުންފުނިތައް މިއަހަރުގެ ފުރަތަމަ 2 ކުއާޓަރުގައި ދަށަށް ދިޔަ ނަމަވެސް، 3 ވަނަ ކުއާޓަރުގައި ވަނީ ކުރިއެރުން ލިބިފައެވެ. އަދި ކުންފުނިތަކަށް ލިބުނު ކުރިއެރުމާއެކު 3 ވަނަ ކުއާޓަރުގެ ތެރޭގައި ވަނީ މި ސިނާއަތުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިފައެވެ.
2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އެމް.އެމް.އޭއިން އާއްމުކުރާ ބިޒްނަސް ސާރވޭގެ މަޤްޞަދަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.