ޚަބަރު

ބަންގްލަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން މިނިސްޓަރު ޝާހިދު ތަޢުޒިޔާ ވިދާޅުވެއްޖެ


  • ރޭލު އެކްސިޑެންޓުގައި 17 މީހަކު މަރުވި

  • ދިވެހިރާއްޖޭން ބަންގްލަދޭޝްއާއެކު ތިބިކަމުގެ ޔަޤީންކަން ދެއްވި

  • މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވި

ބަންގްލަދޭޝްގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ގިނަ ޢަދަދެއްގެ މީހުން މަރުވުމާއި ގުޅިގެން ރާއްޖޭގެ ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މި ރޭލު އެކްސިޑެންޓްގައި 17 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ވަނީ ދުޢާކޮށްފައެވެ.

މިނިސްޓަރގެ ޓުވީޓުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކޮށްދިނުމަށް ވަނީ ދުޢާކޮށްފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ތިބިކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

ބަންގްލަދޭޝްގެ އިރުއުތުރުގައިވާ ރަށެއްގައި ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން ވަނީ މަރުވެފައެވެ. ބުއިރަބް ސިޓީގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ބުއިރަބް ސިޓީއަކީ ވެރިރަށް ޑާކާގެ އިރުއުތުރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

މި ހާދިސާގައި އެކްސިޑެންޓުވެފައި ވަނީ ޗައްޓޯގްރާމަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ރޭލަކާއި, ވެރިރަށް ޑާކާއަށް ދަތުރު ކުރަމުން ދިޔަ އެގަރުޝުންދޯރް ގުދޮލީ އެކްޕްރެސްގެ ފަސިންޖަރުން އުފުލާ ރޭލެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.