ޚަބަރު

އައްޑޫގައި ޔޮޓް މެރީނާއަކާއެކު ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޙަވާލުކޮށްފި


  • ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 150 ކޮޓަރީގެ ހޮޓަލެއް

  • މިއީ 350 މިލިއަން ޑޮލަރުގެ މަޝްރޫޢެއް

  • މަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރުތެރޭ ނިންމާގޮތަށް

އައްޑޫސިޓީގައި ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ޔޮޓް މެރީނާ ތަރައްޤީކުރުމަށް ނިންމާފައިވަނީ އައްޑޫސިޓީ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަޙައްދުގައެވެ.

މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައި.ސީ.އެމް.ޕީ.އެލްއާއެވެ. އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމުގައި އެކުންފުންޏާއެކު ސޮއިކޮށްފައެވެ.


ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމާގޮތަށް ކަމަށެވެ.

350 މިލިއަން ޑޮލަރުގެ މި މަޝްރޫޢުއާއެކު އައްޑޫ ސިޓީއަށް އިޤްތިޞާދީގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ވަޒީފާތައް އުފެދި، އައްޑޫ ސިޓީއަށް ރާއްޖެއިން ބޭރުން ސީދާ ފަތުރުވެރިން ގެނައުމަށްވެސް ކޮށާލެވޭ މަގެއް މިއީ." އައްޑޫ ސިޓީގެ މޭޔަރ ނިޒާރު ވިދާޅުވިއެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާއެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަޙައްދުގައެވެ.

ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ފެށުމަށް ބަޔަކާއި ޙަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަޞީލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

2 އަހަރު ދުވަހުގެ ތެރޭގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމި، މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.