ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ


  • ނިޔާވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ނިޔާވިކަމަށް ކަނޑައެޅީ މިރޭ 20:15 ހާއިރު

  • އިތުރު 3 މީހަކަށް އަންނަނީ ފަރުވަދެމުން

ހއ. އަތޮޅުގައި ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ހިނގި މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވިއެވެ. އޭޣެތެރެއިން ސީރިއަސް އަނިޔާތަކެއްވި މީހާ ނިޔާވެފައިވާކަމަށް އިހަވަންދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. ނިޔާވެފައިވަނީ ދޯނީގެ ކެޕްޓަނު، އުމުރުން 68 އަހަރުގެ އަބްދުއްރަޝީދު މުޙައްމަދެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެގެން އޭނާ އެމަރުކަޒަށް ގެނެސްފައިވަނީ މިރޭ 19:30 ހާއިރުކަމަށެވެ. އަދި އޭނާ އަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ މިރޭ 20:15 ހާއިރުކަމަށެވެ.

މިހާދިސާގައި އަނިޔާވި އިތުރު 3 ދިވެއްސަކަށް މިވަގުތުވެސް ފަރުވާދެމުންދާކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ހެލްތް ސެންޓަރުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވިއެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދެ މީހުންނެވެ. އަދި ލޯންޗުގައި ތިބީ ހަތަރު މީހުނެވެ. މި ހާދިސާގައި ލޯންޗަށާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިހާދިސާގައި އެކްސިޑެންޓްވި ލޯންޗަކީ ހދ. ނެއްލައިދޫއަށް ނިސްބަތްވާ ލޯންޗެއްކަމަށާއި އެއީ ހޫފިލަނޑާ ނަގަން އާންމުކޮށް ބޭނުންކުރާ ލޯންޗެއް ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި ދޯންޏަކީ ހިބަރު މަސްވެރިކަން ކުރާ ދޯންޏެކެވެ.