ޚަބަރު

އައިއޭސީގެ ފަލަސްޠީނު ފަންޑަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ


  • އައިއޭސީ ފަންޑަށް 23987108.00 ދިވެހި ރުފިޔާ ލިބުފައިވޭ

  • 13023.00 ޔޫއެސް ޑޮލަރުން ލިބިފައިވޭ

  • އެހީ ބޭނުންކުރަނީ ފަލަސްޠީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް

އިސްރާޢީލުން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ހުޅުވާފައިވާ ފަންޑަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އައިއޭސީން ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި "ޣައްޒާ އެމަރޖެންސީ ރިލީފް 2023" ގެ ނަމުގައި ހުޅުވާފައިވާ ފަންޑަށް މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް 23.9 މިލިއަންދިވެހި ރުފިޔާ އަދި 13023 އެމެރިކާ ޑޮލަރު ލިބިފައިވާކަމަށެވެ. މިއީ މިހާތަނަށް ދިވެހި ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށްޓަކައި އެއްކޮށްފައިވާ ފައިސާކަމަށް އައިއޭސީން ބުންޏެވެ.

އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ކަރަންޓާއި އެނޫންވެސް އަސާސީ ޚިދުމަތްތަކުން މަހުރޫމުވެ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްކަމށްވާ އައިއޭސީން އަންނަނީ ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ ތަކެތި ފޯރުކޮށްދެމުންނެނެވެ. އައިއޭސީން ވަނީ އިސްލާމީ އުންމަތަށް ދިމާވާ ހުރިހާ ކަމެއްގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވާ އެހީއާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އައިއޭސީގެ އިތުރުން ދިވެހި ރެޑްކްރެސެންޓުންވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ޚާއްޞަ ފަންޑެއް ޤާއިމްކޮށްފައެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ހަރަކާތުން ވަނީ ބުނެފައެވެ.