ޚަބަރު

ފަލަސްތީނުގެ ރައްޔިތުންގެ މައްޗައް އަޑުއުފުލުމަކީ ވާޖިބެއް: ޑރ. ޒާހިރު


ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުޢާކޮށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފަލަސްޠީނާ ގުޅޭ ގޮތުން ބޭއްވި "ފަލަސްޠީން ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމާއި ތަކުލީފުތައް ތަޙައްމަލްކުރަންޖެހޭނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންއެކަނި ނޫންކަމަށާއި، މުޅި އިސްލާމީ އުންމަތަށް އެ ވޭނާއި ކެކުޅުން އިޙްސާސްވާންޖެހޭކަމަށެވެ.

ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަމަށާއި އެތަން މިނިވަން ނުވާހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސްކުރަންޖެހޭނެކަމަށް ވިދާޅުވަމުން މިނިސްޓާރ ވިދާޅުވީ އެގައުމުގެ ރައްޔިތުންނަށް ނިދައިފިނަމަ ހޭލެވޭނެކަމުގެ ޔަޤީންކަމެއްނެތްއިރު، ގެއިން ބޭރަށް ނުކުމެއްޖެނަމަ ބޮން އަޅައި މަރާ ނުލާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެޔްކަމުގއެވެ.

އަބަދުވެސް ބިރުވެރިކަމެއްގައި އެތައް ޒަމާނެއްވަންދެން ދިރިއުޅެމުންދާ ފަލަސްޠީނުގެ ޙާލަތު މި ފޯރަމްގައި މިނިސްޓަރ ތަފްސީލްކޮށްދެއްވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ މައްޗަށް ޔަހޫދީން ކޮންޓްރޯލް ކުރަމުންދާ ގޮތްތަކަށް ބައްލަވައި، އެމީހުންގެ ނުފޫޒު ދުނިޔޭގެ މައްޗަށް ފޯރުވަމުންދާ ގޮތް ވަރަށް ތަފްސީލުކޮށް ވަނީ ކިޔާދީފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަމާއި ނުބައިކަން، އަދި ދޮގުވެރިކަމާއި ފަސާދަވެރިކަން ވަރަށް ތަފްސީލުކޮށް ޤުރުއާނުގައި ބަޔާންވެގެންވާކަން ފާހަގަކުރައްވައި ވަނީ ޤުރުއާނުން ވެސް މިސާލް ދައްކަވާފައެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފަލަސްޠީނަކީ ކޮބައިކަން ދިރާސާކޮށް މިއަދުގެ ޖީލަށް ފަލަސްޠީން އަޅުގަނޑުމެންނަށް މުހިންމުވަނީ ކީއްވެެގެންކަމާއި، ފަލަސްޠީނަކީ ކޮބައިކަން މިއަދުގެ ދަރީންނަށް އުނގަންނައިދީ އޮޅުންފިލުވައިދޭން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގައި ޒިކްރާ ކޮލެޖްގެ ޕްރިންސިޕަލް އައްޝައިޚް އިބްރާހީމް ޝަމީމްވަނީ ވަރަށް ތަފްސީލުކޮށް ފަލަސްޠީނުގެ ތާރީޚަށް ބައްލަވައި، މި މަޢުލޫމާތުތައް ޅަ ދަރިންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.