ޚަބަރު

އަމާޒާއި ގާތަށް، އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން


  • ރާއްޖެއަށްވަނީ 1505366 ފަތުރުވެރިން ޒިޔާރަތްކޮށްފައި

  • މިދިޔަ އަހަރާއި އަޅާ ބަލާއިރު، 13.4 އިންސައްތަ އިތުރު

  • ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 150،5366 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 13.4 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

• ރަޝިއާ – 172472 ފަތުރުވެރިން
• އިންޑިއާ – 163513 ފަތުރުވެރިން
• ޗައިނާ – 163036 ފަތުރުވެރިން
• އިނގިރޭސިވިލާތް – 121166 ފަތުރުވެރިން

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ދެެން ބޭނުންވަނީ 3 ލައްކަ ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު 5000 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއަހަރުގެ އަމާޒު ޑިސެމްބަރުމަހުގެތެރޭ ހާސިލްވާނެ ކަމަށް ލަފާކުރެއެވެ.

މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.