ޚަބަރު

ހުވާކުރެއްވުމުގެ ޖަލްސާގެ ތައްޔާރީތައް ފަށައިފި، 22 މިލިއަން ޚަރަދުވޭ


  • މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަ ކުންފުންޏާ

  • މިކަމަށް 22.9 މިލިޔަން ރުފިޔާ ޚަރަދުވޭ

  • ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާއި ހަވާލުކޮށްގެން ފަށައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރުމަށް މިއަދު ވަނީ ޖުމްހޫރީ މައިދާން ވަށައި ފެންސު ޖަހައި ބަންދުކޮށް، މަސައްކަތް ފަށާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާޢު ވިދާޅުވީ ޖުމްހޫރީ މައިދާނު ތައްޔާރުކުރުމުގެ މަސައްކަތް ޓެންޑަރ ބޯޑުން ސިވެކްއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތަށް 22.9 މިލިޔަން ރުފިޔާ ޚަރަދުވާކަމަށް ޒިޔާޢު ވިދާޅުވިއެވެ. އެ މަސައްކަތް ސިވެކްއާ ހަވާލުކޮށްފައިވަނީ ރަސްމިޔާތުގެ ކޭޓަރިން ފެށިގެން ހަފްލާގެ ހުރިހާ ކަމެއް އެ ކުންފުނިން އިންތިޒާމު ކުރާ ގޮތަށް ކަމަށްވެސް ޒިޔާޢު ވިދާޅުވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވީނަމަވެސް، މޫސުން ގޯސްވެއްޖެނަމަ މިރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތަށް، ރާއްޖެއާއި ގާތްގުޅުން އޮންނަ ގިނަ ޤައުމުތަކެއްގެ ވެރިންނަށް ދަޢުވަތު ދެއްވާނެކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތުގައި ރައީސުލްޖުމްހޫރިއްޔާކަމަށާއި، އެމަނިކުފާނުގެ ނާއިބުގެ މަޤާމަށް އިންތިޚަބުވެވަޑައިގަންނަވާ ބޭފުޅަކު ހުވާ ކުރައްވާނީ އެކަމަށްޓަކައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

އެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަބަޔަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށެވެ.