ޚަބަރު

އެމްޕީއެލުން ފަލަސްޠީނަށް އެހީވުމަށް ބައި މިލިއަން ރުފިޔާ


  • ފައިސާ ހަދިޔާކުރީ ރެޑް ކްރެސެންޓާއި އައިއޭސީން ހިންގާ ފަންޑަށް

  • ޖުމްލަ 565،000 ރުފިޔާ ވަނީ ހަދިޔާ ކޮއްފަ

ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮއްފިއެވެ.

އެމްޕީއެލުން މި ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގަމުންދާ 2 ފަންޑަކަށެވެ. އެ ދެފަންޑަށް ޖުމްލަ 565،000 ރުފިޔާ އެމްޕީއެލުން ވަނީ ހަދިޔާކޮށްފައެވެ. އެމްޕީއެލުން މިފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށެވެ.

މިފައިސާއަކީ އެމްޕީއެލާއި، އެ ކުންފުނީގެ މުއައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން އެކުނަފުނީގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފައެވެ.