ޚަބަރު

ބަޖެޓު 2024 : އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް


  • ބެޑްނައިޓްސްގެ އަދަދު 14.3 މިލިއަންއަށް އަރާނެ

  • ޗައިނާއިން އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވާނެ

  • 2026ވަނަ އަހަރު ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށްވުރެ އިތުރުވާނެ

ފުރަތަމަ ފަހަރަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފިއެވެ. މިގޮތަށް ލަފާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓުގައެވެ.

އަންނަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ބެޑްނައިޓްސްގެ އަދަދު 7 އިންސައްތަ އަށް އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީންވަނީ އަންދާޒާކޮށްފައެވެ

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސްގެ އަދަދު 14.3 މިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ.

ބަޖެޓު ރިޕޯޓުގައި ބުނެފައިވަނީ ޔޫރަޕްގެ މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، އެހެން އަހަރުތަކާ އަޅާބަލާއިރު ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޗައިނާ މާކެޓު ހިމެނޭހެން، އެހެނިހެން މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އަންނަ އަހަރުތެރޭ އިތުރުވާނެކަމަށެވެ.

އެގޮތުން ޗައިނާގެ އިތުރު 3 އެއަރލައިންނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވުމުގެ ސަބަބުން، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް އިތުރުވާނެކަމަށްވަނީ ލަފާކޮށްފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް 2025ވަނަ އަހަރުގެތެރޭގައި އޮޕަރޭޓުކުރަން ފަށައި، އެއަރޕޯޓުގެ ކެޕޭސިޓީ އިތުރުވުމުން، ކުރީގެ އަހަރުތަކާއި އަޅާބަލާއިރު، މެދު ރާސްތާގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރު، އާންމު މިންވަރަށްވުރެ ދެގުނު މަތިވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. އަދި މިއާއެކު 2026ވަނަ އަހަރު ރާއްޖެއަށް 2.5 މިލިއަނަށްވުރެ އިތުރަށް ފަތުރުވެރިން އަންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

ބަޖެޓުގައިވަނީ އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 6.6 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކޮށްފައެވެ. މިއީ 2016ވަނަ އަހަރާއި 2020ވަނަ އަހަރަށް ފަހު ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން އެންމެ ދަށްވާނެ ކަމަށް ލަފާކުރެވޭ އަހަރުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން ކޯވިޑުގެ ބަލިމަޑުކަމާއިއެކު މި ދާއިރާއަށް ކުރިމަތިވި އަޑިގަނޑުން އަރައިގަތުމަށް 2021 ވަނަ އަހަރުން ފެށިގެން ބާރުމިނެއްގައި މި ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރަމުން އައި ނަމަވެސް، މިއަހަރަށްފަހު މި ސިނާއަތް މިވަނީ އާންމު ހާލަތަށް ރުޖޫއަވެފައެވެ.