ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، އެ ޚަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މެއިންޓަނަންސް ފީއާއެކު 6300 ރުފިޔާއަށް ކުޑަކޮށްފައެވެ. ކުލި ކުޑަކުރުމުގެ ކުރިން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8500 ރުފިޔާއެވެ. ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުވެފައެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ ކުރިން ސަރުކާރުން ވަނީ، ކުލި ކުޑަކޮށްގެން ޚަރަދުތައް ހަމަޖައްސަން އުނދަގުވާނެކަމަށް ހާމަކުރައްވާފައެވެ
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓްގައި ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމުން، އެ ހަރަދު ހަމަޖައްސަން 177.4 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އަދި މިއީ 5 އަހަރު ދުވަހުގެ މުއްދަތަށް ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދިނުމުން އެޗްޑީސީގެ ކޭޝްފްލޯ މެނޭޖްކުރުމަށް ދޭ ސަބްސީޑީއެއްގެ ގޮތުގައި ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަދި މެދުރާސްތާގައި އެޗްޑީސީގެ އާމްދަނީ އިތުރުވެ ކޭޝްފްލޯއަށް ދަތިނުވާނެ ކަމަށް ލަފާކޮށް އަންނަ އަހަރު އެކަނި ދިނުމަށް ކަނޑައަޅާފައިވާ ސަބްސިޑީއެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކުލި ދެއްކުމުގައި ލުޔެއް ދޭން ސަރުކާރުން ނިންމެވީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާތީ އެ ލޯނު ދެއްކުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. ހިޔާ ފްލެޓުތަކުގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ ފްލެޓުތަކުގެ މަޝްރޫޢުގެ ފިނިޝިންގެ މަސައްކަތް ނުހިމަނާ ކަމަށް މިސަރުކާރުންވަނީ 2019 ވަނަ އަހަރު ވިދާޅުވެފައެވެ. އެހެންކަމުން ފިނިޝިންގެ ގިނަ މަސައްކަތް ކުރަންޖެހުނީ ފްލެޓު ލިބުނު މީހުން އަމިއްލައަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ހައުސިން ޕްރޮޖެކްޓަކީ 6720 ހައުސިން ޔުނިޓެވެ. ފްލެޓްތައް ހަވާލުކޮށްފައިވަނީ ފިނިޝިންގެ މަސައްކަތްތައް ނުނިންމާކަމަށްވުމުން ފިނިޝިންގެ މަސައްކަތް ނިންމުމަށް ސަރުކާރުން 3 ބުރެއްގެ މަތިން ފުރުޞަތު ދިނުމަށްފަހު ފްލެޓްތަކުން ކުލި ނަގަން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.
ހިޔާފްލެޓުތަކުގެ ކުޑަކުރި ކުލީގެ ޚަރަދު ހަމަޖައްސަން ބަޖެޓުގައި ފައިސާ ހަމަޖައްސާފައިވާއިރު، އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ ފްލެޓްތަކަށް މީހުން ވަނުމަށް ކުރި ޚަރަދު ދޭނެކަމަށް ވިދާޅުވެފައެވެ.