ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫގެ ސްޓިއަރިން ކޮމިޓީތަކާއި ބައްދަލުކޮށްފި


  • ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެ

  • މިހާތަނަށް، ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގެ ކޮމިޓީތަކާއި ވަނީ ބައްދަލުކޮށްފައި

  • ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައި

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހަރަކާތްތެރިވާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކާއި ބައްދަލުކުރައްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް ފައްޓަވައިގެން އުޅޭ މި ދަތުރުގައި އިސްކޮށް ބައިވެރިވެޑައިގެންނަވަނީ ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަހީމް ޢަބްދުﷲ އެވެ. މި ދަތުރަކީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، މަޖިލިސް އިންތިޚާބުގެ މަސައްކަތްތަކުގެ ތައްޔާރީތައް ފެއްޓެވުމަށް ކުރައްވާ ދަތުރެއްކަމަށް ޕީޕީއެމް/ޕީއެންސީއިން ބުނެއެވެ.

ޕީޕީއެމް/ޕީއެމްސީގެ ލީޑަޝިޕް ޓީމުން އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ އިއްޔެ ހަވީރުއެވެ. އަދި މިހާތަނަށް އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުގެ ސްޓިއަރިން ކޮމިޓީތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ރޭ ވަނީ ހިތަދޫގެ ކޮމިޓީތަކާއި ބައްދަލުކުރައްވާފައެވެ. އަދި މިއަދު، އައްޑޫ ސިޓީ ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގެ ސްޓިއަރިން ކޮމިޓީއާއި ވަނީ ބައްދަލުކުރައްވާފައެވެ.

އައްޑޫ ސިޓީގައި ވަކިން އޮންނަ، ހުޅުމީދުއަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސްޓިއަރިން ކޮމިޓީތަކާއިއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގެ އިތުރުން، ހުޅުމީދޫ އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބުނެފައެވެ.

މި ދަތުރުގައި ކޯލިޝަންގެ ފަރާތުން ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕާޓީތަކުން ގުޅިގެން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ އަންނަ އަހަރު ބާއްވާ، މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްކަމަށް އެ ޕާޓީން ބުނެއެވެ. މި ބައްދަލުވުންތަކުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމާއި، އަދި މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތްކަމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑޫ ސިޓީއަށް ކުރަމުންދާ ދަތުރު އާދިއްތަ ދުވަހާއި ހަމައަށް ކުރިއަށްގެންދާނެއެވެ.