ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކުރުމަށް ކަނޑައަޅައިފިއެވެ.
2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ.
2024 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 2212 މިލިޔަން ރުފިޔާއެވެ. ބްލޮކް ގްރާންޓްގެ އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވަނީ ރަށު ކައުންސިލްތަކަށެވެ. އެގޮތުން ރަށު ކައުންސިލްތަކަށް %70 ވަނީ ކަނޑައަަޅާފައެވެ. އަދި ސިޓީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ %20 ކަނޑައަޅާފައިވާއިރު އަތޮޅު ކައުންސިލްތަކަށް ކަނޑައަޅާފައިވަނީ %10 އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި ބްލޮކް ގްރާންޓްގެ ނިސްބަތުން ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީ އިތުރުވާވަރަކަށް ފޯމިއުލާގެ ތެރެއިން ކައުންސިލްތަކަށް ލިބޭމިންވަރު ފުރަތަމަ އިތުރުވާނެއެވެ. ނަމަވެސް އާމްދަނީ އިތުރުވަމުންދާވަރަކަށް ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވާނެތީ ވަކި މިންވަރަކަށްވުރެ އިތުރަށް ކައުންސިލްތަކަށް އާމްދަނީ ލިބެން ފެށުމުން ލިބޭ ފައިސާ ދަށަށްދާނެކަަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތަށް ނިންމަވާފައިވަނީ ބްލޮކް ގްރާންޓްގެ ނިސްބަތުން އާމްދަނީ މަދުންލިބޭ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީން ލިބޭ އާމްދަނީ ވެސް ލިބޭނީ އެއުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ދަށުން ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް މިހާރު ވަނީ ލިބިދީފައެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.