ޚަބަރު

އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރު


  • އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 1.52 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • ގިނައީ ރަޝިއާ ފަތުރުވެރިން

  • އެވްރެޖްކޮށް 5000 ފަތުރުވެރިން އާދޭ

މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 13.1 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.34 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 1.52 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 13.1 އިންސައްތަ އިތުރު އަދަދެކެެވެ.

ޓޫރިޒަމް މިނިސްޓްރީގެ "ޑެއިލީ އަޕްޑޭޓް" ހިސާބުތައް ދައްކާގޮތުން އޮކްޓޫބަރުމަހުވެސް ރާއްޖެއަށް 150000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 3.5 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން

* ޖަނަވަރީ - 172،499 ފަތުރުވެރިން
* ފެބްރުއަރީ - 177،915 ފަތުރުވެރިން
* މާރޗް - 173،514 ފަތުރުވެރިން
* އޭޕްރީލް - 164،357 ފަތުރުވެރިން
* މެއި - 120،959 ފަތުރުވެރިން
* ޖޫން - 120،363 ފަތުރުވެރިން
* ޖުލައި - 145,620 ފަތުރުވެރިން
* އޮގަސްޓް – 154،854 ފަތުރުވެރިން
* ސެޕްޓެމްބަރ – 130،967 ފަތުރުވެރިން
* އޮކްޓޫބަރ- 159،141 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 170000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

* ރަޝިއާ – 174663 ފަތުރުވެރިން
* އިންޑިއާ – 164471 ފަތުރުވެރިން
* ޗައިނާ – 163708 ފަތުރުވެރިން
* އިނގިރޭސިވިލާތް – 122614 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5000 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މި އަމާޒު މިއަހަރުގެ ޑިސެމްބަރުމަހުގެތެރޭ ހާސިލްވާނެ ކަމަށް ލަފާކުރެވެއެވެ.

މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.