ޚަބަރު

ޑރ.މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ބޭރުގެ ޤައުމުތަކަށް ދަޢުވަތު ފޮނުވައިފި


  • އަވަށްޓެރި ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ އެހެން ޤައުމުތަކަށްވެސް ވަނީ ދައުވަތު ދީފައި

  • އައު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު

  • ދައުވަތު ދެވިގެން 3500 މީހުން، އާންމުންގެ 1000 މީހަކަށް ފުރުޞަތު ދޭނެ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންތިޚާބީ ނައިބްރައީސް ހުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށްޓަކައި އަވަށްޓެރި ޤައުމުތަކަށާއި، ރާއްޖެއާ ގުޅުން އޮންނަ އެކި ޤައުމުތަކަށް ދައުވަތު ފޮނުވައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، އަވަށްޓެރި ހުރިހާ ޤައުމެއް ހިމެނޭހެން ރާއްޖެއާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ވަރަށް ގިނަ ޤައުމުތަކަށާއި، ޖަމްޢިއްޔާތަކަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ފޮނުވާފައިވާކަމަށެވެ. އަދި ދަޢުވަތު ފޮނުވާފައިވާ ޤައުމުތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވާނެ ޑެލިގޭޝަންތައް ކަނޑައަޅުއްވާނީ އެ ޤައުމަކުން ނުވަތަ އެ ޖަމްޢިއްޔާއަކުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރައްވާ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދަޢުވަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ހުވާކުރުމުގެ ރަސްމިއްޔާތުގައި 1000 ޢާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވީނަމަވެސް، މޫސުން ގޯސްވެއްޖެނަމަ މިރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތުގައި ރައީސުލްޖުމްހޫރިއްޔާކަމަށާއި، އެމަނިކުފާނުގެ ނާއިބުގެ މަޤާމަށް އިންތިޚަބުވެވަޑައިގަންނަވާ ބޭފުޅަކު ހުވާ ކުރައްވާނީ އެކަމަށްޓަކައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަބަޔަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް، އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމަށެވެ.