ޚަބަރު

ފަނޑިޔާރު ޝަކީލް ރިޓަޔަރކުރެއްވުމާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލައިފި


  • ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވީ ޞިއްޙީ ސަބަބަކާހުރެ

  • ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލަފައިވަނީ މިމަހުގެ 12 ގެ ނިޔަލަށް

  • މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބޭނެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭ.އެސް.ސީއިން ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޖޭ.އެސް.ސީއިން ހުޅުވާލީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ. ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ޝަކީލު ހުށަހެޅުއްވި ހުށަހެޅުން ޖޭ.އެސް.ސީއިން ބަލައިގަންނަން ނިންމެވީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ޝަކީލު ރިޓަޔާކުރެއްވީ ހިތުގެ ބައްޔެއް ކަމަށްވާ "ސިކް ސައިނަސް ސިންޑްރޯމް" ތަޙައްމަލްކުރައްވަމުން ގެންދަވާތީއެވެ.

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވާ އާދިއްތަ ދުވަހުގެ މެންދުރުކުރި 11:00 ގެ ކުރިން އެ ކޮމިޝަނުގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36000 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 15000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ލިބޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ޢުމުރުން 25 އަހަރުވެފައިވާ މީހަކަށްވާންޖެހޭނެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ހަމައެހެންމެ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.