ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ޤާއިމްކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ'ގައި އިތުރު 2 ބޭންކަކުން ސޮއިކޮށްފިއެވެ.
ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމް.އެމް.އޭއިން ކުރިއަށްގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރައިގައި ބައިވެރިވުމަށް "ޕާޓިސިޕޭޝަން އެގްރިމަންޓް"ގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކާއި އެކުއެވެ.
އެމް.އެމް.އޭއިން ވިދާޅުވީ، މި އެއްބަސްވުމަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން މި ބޭންކުތަކާއެކު އެމް.އެމް.އޭއިން ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގގެ މަސައްކަތް މިހާރު ނިންމާފައިވާއިރު، މިމަހުގެ 8 އިން ފެށިގެން ޕައިލަޓް ޓެސްޓިންގގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގ ނިންމާ، މި ބޭންކުތަކުން ފަވަރައާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް އެމް.އެމް.އޭއިން ހާމަކުރައްވައެވެ.
މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަކީ މާލީ ނިޒާމާއި ބީރަށްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.
"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.