ނިމުނު 3 ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.ޓީ.ޑީ.ސީއަށް ސާފު ފައިދާގެ ގޮތުގައި 11.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
3 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 11.3 މިލިއަން ރުފިޔާއަކީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 8.7 މިލިއަން ރުފިޔާއަށްވުރެ 29 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ހިސާބުތައް ދައްކާގޮތުން އެމް.ޓީ.ޑީ.ސީއަށް 3 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.88 މިލިއަން ޑޮލަރު ނުވަތަ 28.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1.87 މިލިއަން ޑޮލަރު ނުވަތަ 28.8 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީން ވަނީ ކުންފުނި ހިންގުމަށް 8.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިދާރީ ކަންކަމަށް 5.2 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށްވެސް ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ 2 ވަނަ ކުއާޓަރާއި އަޅާބަލާއިރު، 3 ވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު އިތުރުވެފައިވަނީ އެ ކުއާޓަރުގައި ކުންފުނި ހިންގުމުގެ ހަރަދާއި އިދާރީ ހަރަދުތައް ވަރަށް ބޮޑު ކުޑަކުރެވިފައިވުމުންކަމަށް ކުއާޓަރލީ ރިޕޯޓުން ފާހަގަކުރެވެއެވެ.
2010 ވަނަ އަހަރުން ފެށިގެން އެމް.ޓީ.ޑީ.ސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެންނަމަވެސް ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމް..ޓީ.ޑީ.ސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމް.ޓީ.ޑީ.ސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫ ކުއްޔަށް ދީގެން ލިބޭ އާމްދަނީއެވެ.
އެމް.ޓީ.ޑީ.ސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.