ޚަބަރު

ދިވެހިންގެ ފަރާތުން އިތުރު 200 އާއިލާއަކަށް ފައިސާގެ އެހީތެރިކަންދީފި


  • 200 އާއިލާއަށް ފައިސާ ދީފައިވަނީ 500 ޔޫއެސް ޑޮލަރުގެމަގުން

  • ޖުމްލަ އެއްލައްކަ ޑޮލަރު ބެހި

  • މީގެ ކުރިންވެސް އާއިލާތަކަށް ފައިސާގެ އެހީ ދީފައިވޭ

  • ކުޑަކުދިންނަށް ކުޅޭ ސާމާނުވެސް ބަހާފައިވޭ

  • ފަރުވާ ހޯދަމުންދާ 700 ކުޑަކުދިންނާއި ބައްދަލުކޮށްފައިވޭ

ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އިތުރު 200 އާއިލާއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީތެރިކަން ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައިވަނި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.

އައިއޭސީން ބުނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ "ޣައްޒާ އެމަރޖެންސީ ރިލީފް" ފަންޑުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ 200 އާއިލާ އަކަށް 500 ޔޫއެސް ޑޮލަރުގެ މަގުން އެހީ ފޯރުކޮށްދީފައިވާކަމަށެވެ. އައިއޭސީން ބުނީ ފައިސާ ބަހާފައި ވާނީ ދޭރް ބަލަޙްގެ ހިސާބުގައި ދިރިއުޅޭ ޣައްޒާގެ ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ކަމަށެވެ. އެހިސާބުގައ ޣައްޒާގެ ރައްޔިތުގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައްވެސް ހުރުމާއިއެކު، މިފައިސާގެ ބޭނުން ހިފި، އެ ރައްޔިތުންނަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެން ދާނޭކަމަށް އައިއޭސީން ވަނީ ފާހަގަކޮށްފައެވެ.

އައިއޭސީން ވަނީ މިދިޔަ މަހުވެސް 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން އެއްލައްކަ ޑޮލަރު ބަހާފައެވެ.

އައިއޭސީން ބުނީ، މިވަގުތަކީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ހިތާމެވެރި ވަގުތެއް ކަމަށާއި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ދިރިއުޅެމުންދާ އެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށެވެ. އައިއޭސީން ބުނީ އެކި ކަހަލަ ޒަޚަމްތައް ލިބިފައިވާ ކުޑަކުދިން ކައިރިއަށް ޒިޔާރަތްކޮށް އެކުދިންނާ ވާހަކަދައްކާ އުފާކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 700 ކުޑަކުދިންނަށް ޒިޔާރަތްކޮށް ކުޅޭ ސާމާނު ބަހާފައިވާ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ.

އައިއޭސީން ދަނީ ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އައިއޭސީން ހުޅުވާލައިފައިވާ ފަންޑަށް މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 28 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އަދި 17300.50 ޔޫއެސް ޑޮލަރު ވަނީ ލިބިފައެވެ.

އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް 10000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.