"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުޢާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓު އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުޢާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.
ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މަޢުލޫމާތުތައް ލިބެމުންދާއިރު މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެންދެއެވެ. އަދި، ތާރީޚް ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެންދެއެވެ. އެހެންކަމުން، ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެކެވެ.
މި މުޢާހަދާގައި 143 ޤައުމުން ސޮއިކޮށްފައިވާއިރު، ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށެވެ. އަދި، އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ޤާނޫނާ ޚިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުޢާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެސް ވެގެންދާނެއެވެ. ހަމަމިއާއެކު ޤާނޫނު ނަންބަރު 2019/12 "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު" އަދި، މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަކަށް މިކަންވެގެންދާނެއެވެ.