އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ދިޔާބޭހުގެ ކެމިކަލްގެ މާއްދާއެއް ހުރުމުން އެ ބޭސް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، ކެމިކަލް މާއްދާއެއް ހުރިކަން ކަށަވާރު ވެފައިވަނީ ބެޗް ނަންބަރު B220 ގެ އެ ބްރޭންޑުގެ 5ML ބޭސް ފުޅިތަކުގައި ކަމަށެވެ.
އެ އޮތޯރިޓީން މިގޮތަށް އަންގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރައްވާފައިވާ އެލާޓްތަކާ ގުޅިގެންނެވެ. މި އެލާޓާ ގުޅިގެން ރާއްޖެއިންވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނަމަވެސް މިވަގުތު އެ ކެމިކަލް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ކޮންފަރމޭޓްރީ ޓެސްޓް ރާއްޖޭގައި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ ސްކްރީންކޮށް އެ ކެމިކަލް މާއްދާ ހުރިކަން ހުރިކަން ފާހަގަކުރެވޭ ސާމްޕަލްތަކުގެ ޓެސްޓުތައް ރާއްޖެއިން ބޭރުގެ ލެބޯޓަރީއަކުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މޭކެޓުން ނަގާ ސްކްރީން ކުރިއިރު އެ ކެމިކަލް މާއްދާ ހުރިކަން ކަށަވަރުވެފައިވާކަމަށެވެ.
އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ދިޔާބޭހުގެ އިތުރު ތަޙްލީލު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ އެ ޓެސްޓްގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބްރޭންޑް އެތެރެކުރުމަށާއި ވިއްކުމާ ބޭނުން ކުރުމަކީ މަނާކަމެއްގެ ގޮތުގައި އެމް.އެފް.ޑީ.އޭއިން ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކު ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ހުރުމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރައްވާފައިވާ އެލާޓްތަކާއި ގުޅިގެން ރާއްޖެއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން އެޕްރޫވުޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭހުގެ ތެރެއިން ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ބޭސް ރާއްޖެ އެތެރެ ކުރުމުގެ ކުރިން ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނުހިމެނޭކަމުގެ ތަޙްލީލު ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެ ތަޙްލީލުތައް ކުރުމަށް މިހާރު ހުއްދަދީފައިވާ ލެބޯރެޓަރީތައް ކަނޑައެޅުމުގައި އިތުރު ލުއި ފަސޭހަތަކެއްދީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޕްރީކޮލިފައިޑް ލެބޯރެޓަރީއަކުން އެ ތަޙްލީލްތައް ހެދޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި ތަޙުލީލުތައް ހަދާ ލެބޯޓަރީއަކީ އެމް.އެފް.ޑީ.އޭގެ ރިފަރެންސް ކަންޓްރީ ކެޓަގަރީ 1 ގައި ހިމެނޭ ޤައުމެއްގެ އެކްރެޑިޓް ލެބޯޓަރީއެއްކަމުގައި ވުމާއި ISO 17025 ސްޓޭންޑަރޑް އެކްރެޑިޓެޑް ލެބޯޓަރީއެއް ކަމުގައިވެސް ވާންޖެހެއެވެ. މީގެ އިތުރަށް ތަޙްލީލުކުރާ ލެބޯޓަރީއަކީ ބޭސް އުފައްދާ ކުންފުނީގެ ލެބޯޓަރީއެއްކަމުގައި ވެސް ވާންޖެހޭނެކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.
އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، 17025 ISO އެކްރެޑިޓެޑް ލެބޯޓަރީއަކުން ތަހުލީލްކޮށްފައިވާނަމަ މި ބޭސްތައް ޚާއްސަ ހުއްދައެއްގެ ދަށުން ދޫކުރުމަށްފަހު އެ އެތޯރިޓީގެ ފަރާތުން ސާމްޕަލްނަގާ އިތުރަށް ތަޙުލީލް ކުރުމަށްފަހު ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭކަން ކަށަވަރުކޮށް ބޭސް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަދޭނެކަމަށެވެ.
ކޮންމެ ލެބޯޓަރީއަކުން ތަޙުލީލްކުރިނަމަވެސް ތަޙުލީލު ކުރުމަށް ބޭނުންކުރި ރިފަރެނެސް ސްޓޭންޑާރޑް ޓެސްޓް މެތަޑް އަދި ބޭހާއި ގުޅޭ ހުރިހާ ތަފްޞީލެއް، ޓެސްޓް ރިޒާލްޓް ތަޙުލީލު ރިޕޯޓުގައި ހިމަނަން ވާނެކަމަށްވެސް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.