ޚަބަރު

ފުރަތަމަ ފަހަރަށް ޢިއްޒުއްދީން ސްކޫލަށް ޓްރެފިކް މޮނިޓަރުން ހަމަޖައްސާ، މިފަހަރުގެ ޕްރޮގްރާމް ނިންމާލައިފި


  • ޢިއްޒުއްދީން ސްކޫލްއާއި ދަރުމަވަންތަ ސްކޫލްއިން 51 ދަރިވަރުން ތަމްރީން ކުރި

  • މިހާތަނަށް 2000 ވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމްގައި ވަނީ ތަމްރީންކޮށްފައި

  • ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ޢިއްޒުއްދީން ސްކޫލްއާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ތަމްރީންކޮށް އެ ކުދިންނަށް ލިޔުމާއި ޓެގް ޙަވާލުކޮށްފިއެވެ. ޓްރެފިކް މޮނިޓަރުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް އެކަމުގެ ލިޔުންހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމެވެ.

ޓްރެފިކް މޮނިޓަރުން ތަމްރީން ޕްރޮގްރާމްއަކީ އެޑިޔުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ޢިއްޒުއްދީން ސްކޫލްގެ ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ ޓްރެފިކް މޮނިޓަރުންނާ އަލަށް ގުޅުނު ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ ލިޔުން ހަވާލުކޮށްފައެވެ. މި ދެ ސްކޫލްއިން ޖުމުލަ 51 ދަރިވަރުން ތަމްރީންކޮށްފައެވެ.

މި ރަސްމިއްޔާތުގައި މަގުމަތީގައި ހިނގާ ހާދިސަތައް މަދުކުރުމަށްޓަކައި ނައިބް ރައީސް ކުރަައްވާފައިި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

ޓްރެފިކް މޮނިޓަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، މި ވޭތުވެގެންދާ 5 އަހަހަރުގެ ތެރޭގައި މަގުމަތީގައި ހިނާގާފައިވާ އެކްސިޑެންޓްގެ އަދަދު 18000 އަށް ވުރެ ގިނަ ކަމަށެވެ. މީގެ ތެރޭގައި އެއްގަމާއި ކަނޑުގައި ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ތަމްރީން ޕްރޮގްރާމުން ދަސްވި އެއްޗެހީގެ ބޭނުން ހިފުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސްކޫލުން ނިކުންނަ ކޮންމެ ދަރިވަރަކީ މަގުމަތީގެ ޤަވައިދުތަކާއި އުޞޫލުތަކަށް ބޯލަނބާ ކުދިބަޔަކަށްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"އެންމެ ދުވަހެއްވެސް ނުދޭ މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ. އެތަކެއް ހިތާމަވެރި އެކްސިޑެންޓްތައް ހިނގާ ގިނަ އަދަދެއްގެ ބަޔަކު ދުނިޔެ ދޫކޮށްފައިވޭ. ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި އެތަކެއް ހާސް ދަރިވަރުންތަކެއް ތަމްރީންކޮށްފައިވޭ. މިއި ހަމަ އެކަނި ދަރިވަރުންނަށް ގުޅުން ހުރިކަމެއް ނޫން. މިއީ ހުރިހާ ރައްޔިތުންނާވެސް ގުޅުން ހުރިކަމެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްކޫލްތަކުން 2000 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީންކޮށްފައެވެ. އަދި މިފަދަ 66 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.