ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން ބަންދުކުރެވޭ މުއްދަތު ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑް 2 އަހަރަށް އިތުރުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން ބަންދުކުރެވޭ މުއްދަތު އިތުުރުކޮށްފައިވާކަން ހާމަކޮށްފައިވަނީ "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގައި ގަވައިދު" އަށް ގެނައި ފުރަތަމަ އިސްލާޙްގައެވެ. މީގެ ކުރިން ރީޑިވެލޮޕްމަންޓަށް ރިސޯޓެއް ބަންދުކުރަން ހުއްދަ ދެނީ 18 މަސްދުވަހަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ޤަވައިދަށް ގެނައި އިސްލާޙްގައި ވަނީ މަރާމާތައް ތަނެއް ބަންދުކުރުމަށް 2 އަހަރުދުވަސް ދިން ނަމަވެސް މި ޤަވައިދަށް އަމަލުކުރަން ފަށާއިރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ރީޑިވެލޮޕްކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި ޓުއަރިޒަމް މިނިސްޓްރީއަށް ހުށައަޅާފައިނަމަ އިތުރު އެއް އަހަރުދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެހެންނަމަވެސް އެ މުއްދަތުގައި ރީޑިވެލޮޕް ކުރުމުގެ މަސައްކަތް ނުނިމޭ ހާލަތުގައި މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.
މި ޤަވައިދުގައި ވާގޮތުން މުއްދަތު އިތުރުކުރާއިރު އެތަން ބަލައި ފާސްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރާނެއެވެ. އަދި މަސައްކަތް ނިމިފައިވާގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސަވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއް (ސްޓްރަކްޗަރަލް ޗެކާ)ގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހެއެވެ.
މީގެ އިތުރުން ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީޚަކީ އެ ތަނަކާ ގުޅުން ހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީޚު ކަމަށްވެސް ވަނީ މި އިސްލާހުގައި ބަޔާންކޮށްފައެވެ.
ޤަވައިދުގައި ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 3 އަހަރުދުވަހެވެ. އަދި ފަޅެއްގެ ނަމަ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގުމުއްދަތަކީ 4 އަހަރެވެ. ނަމަވެސް ޤަވައިދަށް ގެނައި އިސްލާޙްގައި ވަނީ އެމުއްދަތު ހަމަވާއިރު، އެ ތަނެއް ހިންގަން ފަށާފައިނުވާނަމަ އެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިގެންވެއެވެ.
މިގަވާއިދަށް ގެނައި އިސްލާޙްގައި ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށާއ،ި އެމުއްދަތުގެ ކުލި ފަސްކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު އެންމެ މަދު މިންވަރަކަށް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމުލަ މުއްދަތު ބަޔާންކުރަންޖެހޭ މާއްދާވެސް އުވާލާފައެވެ.