ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭ ނިންމަން ބޭނުންވާ ފައިސާއަކީ މި ސަރުކާރުން ކުރި މަސައްކަތުން ރާއްޖެއަށް ދިނުމަށް ކުރިންވެސް އެއްބަސްވެފައިވާ ފައިސާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައި މިވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހަފްތާތެރޭގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވީ.އައި.އޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑުން މިހާރު ހަމަޖެހިފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވަނިކޮށްށެވެ.
އެގޮތުން މި ދަތުރުފުޅުގެ ތެރެއިން އިންތިޚާބީ ރައީސާއި، އަބޫދާބީ ފަންޑުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވީއައިއޭގެ މަސައްކަތްތައް އަވަސްކުރުމަށްޓަކާ އަބޫދާބީ ފަންޑުން 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވިއެވެ.
މިކަމާގުޅިގެން ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އަބޫދާބީ ފަންޑުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައި ހުރި ފައިސާ ކަމަށެވެ.
ވީ.އައި.އޭގެ އައު ޕެސެންޖާ ޓަރމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދޭނީ ސައުދީ ފަންޑުންނެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ ޢަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓުކޮށްގެން ކަމަށެވެ. އެ ކޯޑިނޭޝަން ގްރޫޕުގައި ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ ހިމެނެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުގެ ތެރޭގައިވެސް އަދި މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުމަހުގެ ތެރޭގައިވެސް ޢަރަބި ކޯޑިނޭޝަން ގްރޫޕުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަކަމަށެވެ. މި ބައްދަލުވުންތަކުގެ ތެރޭގައި މި ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭނެކަމުގެ ޔަޤީންކަންދީފައިވާ ކަމަށާއި، އެގޮތަށް ހުރިހާ މެމްބަރުންނަށް ސިޓީވެސް ފޮނުވާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުތެރޭ ވީ.އައި.އޭގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. އަދި 2026 ވަނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާ ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒުވަނީ މީގެކުރިން ވިދާޅުވެފައެވެ.