ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޕްލޭނިންގ މިނިސްޓްރީން ހުޅުވާލި ފުރުޞަތު މިރޭ 12 ޖެހުމާއި ހަމައަށް ހަމަވާނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ފުރުޞަތު ދިނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށެވެ.
އެހެންނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް ގިނަފަރާތްތަކަކުން އެދެމުންގެންދާތީ 10 ނޮވެންބަރުގެ 23:59 އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީން ފަހުން ވަނީ އިތުރުކޮށްދެއްވާފައެވެ.
"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ. މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.
ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނަމުން ދަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ދަނީ ކުރަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ.
މިކަމާގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެ، ގިނަ ތުޙުމަތުތަކެއް ކުރަން ފެށުމުން އޭސީސީއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ. އަދި ޝަކުވާ ހުށަހެޅުމާއި އެކަންކަން ބެލުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ނޫނީ ފްލެޓާއި ގުޅުންހުރި ކަންކަން ކުރިއަށްނުގެންދިއުމަށް އޭސީސީންނާއި އިންތިޚާބީ ރައީސްގެ އޮފީހުންވެސް ވަނީ މިނިސްޓްރީއަށް ދަންނަވާފައެވެ.