ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަމަހު ލިބުނު ފައިސާ 2 ގުނަ އިތުރު


  • މިދިޔަމަހު މުދަލު ޒަކާތުގެގޮތުގައި 6.5 މިލިއަން ރުފިޔާ ލިބިފައިވޭ

  • މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ލިބިފައިވަނީ 3.2 މިލިއަން ރުފިޔާ

  • އަހަރުގެ މިހާތަނަށް ލިބިފައިވަނީ 76 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެގޮތުގައި މިދިޔަމަހު ލިބުނު އާމްދަނީ ދެގުނަ އިތުރުކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިދިޔަމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އޮކްޓޫބަރުމަހު މުދަލު ޒަކާތުގެތޮތުގައި 6.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު މުދަލު ޒަކާތުން ލިބިފައިވަނީ 3.2 މިލިއަން ރުފިޔާއެވެ. އެގޮތުން އޮކްޓޫބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 76،614،439 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި 76،570،170 މިލިއަން ރުފިޔާ އަދި 2888 ޑޮލަރު ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 76،743،636 މިލިއަން ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7151.90 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށްވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.