ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލީ އަލްމަރުޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޚާއްސަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ.
އަލްމަރުޙޫމް އަޙްމަދު މުޖުތަބާ ފިނޭންސް މިނިސްޓްރީއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ ވަނީ އަލްމަރުޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނުގައި ޚާއްސަ ކޮށްފައެވެ. މި ފަންގިފިލާ ހުޅުވައިދެއްވީ އަލްމަރްޙޫމް މުޖުތަބާގެ ކޮއްކޮ މުރުތަޟާ މަޖުދީއެވެ.
އަޅުގަނޑުމެންގެ އެކުވެރި މުވައްޒަފު އަލްމަރުޙޫމް އަޙްމަދު މުޖުތަބާ މި މިނިސްޓްރީއަށް ކޮށްދެއްވި ލާމަސީލު ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާ ވަނީ އަލްމަރުޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނުގައި ހާއްސަ ކުރެވިފައެވެ. 1/2 pic.twitter.com/9JDYrZzZPW
— Ministry of Finance (@MoFmv) November 14, 2023
އަލްމަރުޙޫމް އަޙްމަދު މުޖުތަބާ ފިނޭންސް މިނިސްޓްރީއާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައެވެ. ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރެއްވުމުގައި ވަރަށް އިސް ދައުރެއް މުޖުތަބާ ވަނީ އަދާ ކުރައްވާފައެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި މުޖުތަބާ މީގެ ކުރިން ވަނީ ޓެންޑަރ ބޯޑުގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.
އަލްމަރުޙޫމް މުޖުތަބާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.ޓީ.ޑީ.ސީގެ ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ. މުޖުތަބާ ވަނީ އެކައުންޓިންގެ ދާއިރާ އިން މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން ޑިގްރީ ޙާޞިލުކުރައްވާފައެވެ.