ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިންނަށް މި ފުރުޞަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. ޔޫރަޕިއަން ކައުންސިލުން މި ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށްފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިޢުލާން ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މި އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހިން ބޭރު އެއްވެސް ޤައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކާ 1 މާރިޗު 2020 ގައި ވީއެފްއެސް، ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެ މާލޭގައި ހުޅުވާފައެވެ.
Welcome the decision of the European Council to adopt new visa rules that will lead the way for the creation of an online visa application platform for the Schengen Area.
— Abdulla Shahid (@abdulla_shahid) November 14, 2023
I thank European Council for the opportunity provided for e-visa application by Maldivians for Schengen…
މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލަންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.
މި ސެންޓަރު މެެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައިކުރެވޭނެއެވެ. އަދި ދާދިފަހުން ވަނީ ފްރާންސާއި ސްޕެއިންއާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް ރާއްޖޭގައި ތިބެގެން ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސަވާފައެވެ.
ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުންކުރަމުންދާ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ޝެންގެންގައި ހިމެނޭ 27 ޤައުމުގެތެރެއިން 18 ޤައުމަށް މިހާރު ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު މިވަނީ ހަމަޖައްސާފައެވެ.
މީގެކުރިން ދިވެހިން ޝެންގެންގައި ހިމެނޭ ޤައުމުތަކަށް ވިސާ ނެގުމަށް ދާން ޖެހެނީ ސްރީލަންކާގެ ކޮލޮމްބޯއަށް ނޫނީ އިންޑިއާގެ ނިއުދިއްލީއަށެވެ. ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު ފޮރިން މިނިސްޓްރީއިން ވަނީ މިދިޔަ 5 އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.
ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދުނިޔޭގެ 101 ޤައުމަށް ދިވެހި ޕާސްޕޯޓުގައި ވިސާއާއި ނުލައި މިހާރު ދަތުރުކުރެވޭނެއެވެ. ދިވެހި ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓެވެ.