ޚަބަރު

ޒަކާތާބެހޭ ބިލު ހިމެނޭހެން 3 ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި


  • ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލު މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ހިމެނޭ

  • މިހާތަނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވޭ

  • ބަންޑާރަ ނައިބުގެ އޮފީހުންވަނީ ބިލްތަކުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން ފާޅުކޮށްފައި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި 3 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުއްވާފައިވާ ބިލްތަކަކީ ޒަކާތާބެހޭ ބިލަކާއި، މެރިން ސްޕޭޝަލް ޕްލޭނިންގއާ ބެހޭ ބިލަކާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން އިތުރު 3 ބިލެއް މަޖިލީހަށް ހުށައެޅުއްވުމަށް ރައީސް އޮފީހަށް ފޮނުއްވާފައިވައިރު ދާދިފަހުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކި ދާއިރާތަކާއި ގުޅޭ މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނިމިހުރުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. މީގެތެރޭގައި ޢާއްމު އިޖުތިމާޢީ އެކި ދާއިރާތަކާއި ގުޅޭ ބިލްތަކުގެ އިތުރުން ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން އިސްލާޙުކުރަންޖެހޭ ބިލްތައް ހުރިކަން އެއޮފީހުން ފާހަގަކުރައްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ އޮފީހުން ހުށައަޅާފައިވާ އެކި ބިލްތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ހިސާބުވެސް ހާމަކުރައްވާފައެވެ. މަޖިލީހުގެ އެކި ކޮމިޓީތަކުގައި 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު 2 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށްދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، 5 ބިލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތްކަންވެސް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވާކަމަށެވެ. އޭގެތެރެއިން 120 ބިލެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ، ޤާނޫނަކަށްވެފައިވާކަން އެ އޮފީހުން ވިދާޅުވެއެވެ.