"އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން ރާއްޖޭގެ އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީއަށް ލިބިއްޖެއެވެ. މިއީ އެ ޖަމްޢިއްޔާގެ މެންބަރުކަން ލިބުނު ފުރަތަމަ ދިވެހި ކުންފުންޏެވެ.
އެސް.އެމް.އީ ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ މައްޗަށް އެކުލެވޭ ޖަމްޢިއްޔާ "ޖީ20" އިން އުފައްދާފައިވާ ދުނިޔޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ. އަދި މި ޖަމްޢިއްޔާ ހިންގަން ޙަވާލުކޮށްފައިވަނީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ފައިނޭންސް ކޯރޕަރޭޝަނާއެވެ.
އެސް.އެމް.އީ ފައިނޭންސް ފޯރަމްގެ މެންބަރުކަން އެސް.ޑީ.އެފް.ސީއަށް ލިބުމާގުޅިގެން އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު ވިދާޅުވީ، އެ ޖަމްޢިއްޔާއާއި ގުޅިގެން އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހިކޮށް، ދާއިރާއާއި ގުޅުންހުރި އައު ޢިލްމާއި ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ޕާރޓްނަރޝިޕްތައް ޤާއިމުކޮށް، އެމް.އެސް.އެމް.އީ ފައިނޭންސްގެ ދާއިރާގައި އެ ކޯރޕަރޭޝަންގެ ބްރޭންޑް އިތުރަށް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާނެކަމަށް ޒީނާދު ވިދާޅުވިއެވެ.
? We’re delighted and honored to be joining @SMEFinanceForum, a global network aimed at expanding finance to SMEs. Established by #G20 @gpfiofficial, it is managed by @IFC_org part of the World Bank Group.#smefinance #msmes #Maldives #accesstofinancehttps://t.co/PSGMY1eUpT pic.twitter.com/gVlNjkHCH7
— SME Development Finance Corporation (@SDFC_mv) November 15, 2023
މި ފޯރަމަކީ 190 ޤައުމުގެ ބައިވެރިން ހިމެނޭހެން 240 އަށްވުރެ ގިނަ މާލީ އިދާރާތަކާއި، ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
މި ޖަމްޢިއްޔާގެ ބޭނުމަކީ ޖަމްޢިއްޔާގެ ބައިވެރިންގެ މެދުގައި ދާއިރާއާއި ގުޅުންހުރި ޢިލްމާއި އައު އީޖާދުތައް ޙިއްސާކޮށް، ޚިޔާލު ބަދަލުކުރުމުގެ އިތުރުން ގުޅުން ބަދަހިކުރުމެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަޔާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، މި ދާއިރާގެ އެކިއެކި ތަޖުރިބާތައް ދޭދޭ މެންބަރުންގެ މެދުގައި ޙިއްސާކުރުމެވެ.