ޚަބަރު

އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މަންނާން ހަމަޖައްސަވައިފި


  • އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މަންނާނު ހަމަޖެއްސެވީ ސީޕީ ޙަމީދު ރިޓަޔަރކުރެއްވުމުން

  • މިގޮތަށް ހަމަޖެއްސެވީ ހޯމް މިނިސްޓަރ

  • އައު ޕޮލިސް ކޮމިޝަނަރެއް ދެން ޢައްޔަންކުރައްވާނީ އައު ސަރުކާރުން

އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް، މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަބްދުލްމަންނާން ޔޫސުފް ހަމަޖައްސަވައިފިއެވެ.

މަންނާނު މި މަޤާމަށް ހަމަޖައްސަވާފައި މިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން މުޙައްމަދު ޙަމީދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިޝަނަރެއް އައްޔަނުކުރެވެންދެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ފަރާތަކީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް ކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ކަނޑައަޅުއްވާފައިވާކަމަށެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސެވި ޢަބްދުލްމަންނާން ޔޫސުފް ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާތާ 29 އަހަރު ވެއްޖެއެވެ. މަންނާނު ވަނީ އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތަޢުލީމު ޙާޞިލުކުރެއްވުމަށް، އިނގިރޭސިވިލާތުން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.

އޭނާ ޚާއްސަވެފައިވާ ދާއިރާތަކުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާ ފާހަގަކޮށްލެވެއެވެ.