ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސާއި ބައްދަލުކުރައްވައިފި


  • ލަންކާގެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަމުންދާ ގޮތާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވި

  • ސްރީލަންކާގެ އިޤްތިޞާދު ފުޅާކުރުމަށް ލަނޑުދަނޑިތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި

  • ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މިދައުރުގައި ފުރިހަމަކުރިކަން ފާހަގަ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަޤްބަލަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބާރުލުން ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ރައީސްވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.

މީގެ އިތުރުން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއާއި ސްރީލަންކާ ރައީސްގެ އަނބިކަނބަލުން މައިތްރީ ވިކްރަމަސިންހައާ ބައްދަލުކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެމަނިކުފާނުގެ އަނބިކަނބަލުން މައިތްރީ ވިކްރަމަސިންހަ ރާއްޖެ ވަޑައިގެންނެވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.