ރޭގެ މެޗުގައި ރާއްޖޭގެ ކުޅުން ދަށްވުމުގެ އެއް ސަބަބަކީ ލީގުގެ މެޗްތައް ނުފެށޭތީއާއި ބޫޓާން ތައިލެންޑްގައި ކޭމްޕެއް ކޮށްފައިވުމުންކަމަށް ޤައުމީޓިމުގެ މިޑްފީލްޑަރ އަސްއްދު އަލީ ބުނެފި އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ރޭ ބޫޓާނާ ވާދަކުރި މެޗުން ރާއްޖެ މޮޅުވީ 2-4 ނެވެ. ރާއްޖެ މި މެޗުން މޮޅުވީ ދެފަހަރެއްގެ މަތިން ބޫޓާން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ރާއްޖޭގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ރޭގެ މެޗަށްފަހު ޕީއެސްއެމްގެ އެނަލިސްޓް ސޮބާހު މުޙައްމަދު ބުނީ މެޗުން ފެނިގެންދަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިނާރާ އޮތްއިރު ބޫޓާނުން ރާއްޖެއާ އަރާ ހަމަކުރާ ތަން ކަމަށެވެ.
މި މެޗަށް ބޫޓާން އައީ ތައިލޭންޑްގައި ހަފްތާއެއް ކޭމްޕްކުރުމަށްފަހު އެވެ.
ރޭގެ މެޗަށްފަހު މާޒިޔާގެ މިޑްފީލްޑަރ އަސްއަދު އަލީ ބުނީ ރާއްޖޭގެ ޓިމްތަކުގެ ތެރެއިން ރަނގަޅު މެޗެއް ލިބިފައިވަނީ މާޒިޔާއާއި ނިއުރޭޑިއަންޓް ކުޅުންތެރިންނަށް އެކަނިކަމަށާ އެހެންކަމުން އެތަން މެޗުން ފެނިގެންދާނެކަމަށެވެ. އަދި ބޫޓާން ތައިލެންޑުގައި ގިނަ ދުވަސްތަކެއް ތަމްރީންކޮށްފައިވުމުން ބޫޓާންގެ ކުޅުމަށް އޭގެ ރަނގަޅު އަސަރު ކުރާނެކަމަށްވެސް އައްސަދު ބުންޏެވެ.
"އަހަރުމެންގެ ލީގުވެސް ނުފަށާތީ. ބައެއް ކުޅުންތެރިން އެތިބީ ނުކުޅެ. ދެ ޓީމެއް މި އުޅެނީ މާޒިޔާއާއި ނިއުރޭޑިއަންޓް. ބޫޓާން އައީ ވަރަށް ވަރުގަދަ ޓްރެއިނިން ކޭމްޕެއް ޖަހާފަ. އެހެންވީމަ އުނދަގޫތަކެއް ހުންނާނެ"ކަމަށް އަސްއްދު ބުންޏެވެ.