މިއަދުން ފެށިގެން ދިވެހިން ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ.
އެގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، މިއަދުން ފެށިގެން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ނިންމަވާފައެވެ.
ދަތުރުކުރާ ދިވެހިންނަށް އިމިގްރޭޝަނުން މި ލުއީ ދީފައި މިވަނީ މި ފޯމު ތަޢާރަފުކުރިތާ 3 އަހަރާއި 4 މަސް ދުވަސް ފަހުންނެވެ.
The Controller General of Immigration decided to discontinue the "Traveller Declaration" form for Maldivians.
— Maldives Immigration (@ImmigrationMV) November 20, 2023
Read More: https://t.co/QfVWuA4VVb pic.twitter.com/rcUT2fe1x9
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން "ޓްރެވަލް ހެލްތު ޑެކްލަރޭޝަން" ފޯމެއް ފުރަންޖެހޭގޮތަށް ކަނޑައެޅީ 15 ޖުލައި 2020 ގައެވެ. އަދި އެއަށްފަހު 14 މާރިޗު 2021 ގައި މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި "ޓްރެވެލަރ ޑެކްލަރޭޝަން" ގެ ނަމަށް ބަދަލުކޮށްފައެވެ.
މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.