ޚަބަރު

ރޭގެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ


  • އޭޑީކޭ ހޮސްޕިޓަލުގެ ހައިސީޔޫގައި ފަރުވާދެނީ 61 އަހަރުގެ އަންހެނަކަށް

  • 59 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގެ އެޗްޑީޔޫގައިވެސް އަންނަނީ ފަރުވާ ދެމުން

  • އެކްސިޑެންޓުގައި 3 މީހަކު ޒަޚަމްވި

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ޒަޙަމްތަކެއް ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުނުވެ 3 ސައިކަލުގައި ޖެހި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 19:42 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. މި ޙާދިސާގައި 3 މީހަކަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ. އެ 3 މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް އާއިލާއިން އެދިގެން އޭގެ ތެރެއިން 2 މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އެ 2 މީހުންގެ ތެރެއިން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދެމުންދަނީ 61 އަހަރުގެ އަންހެނަކަށެވެ. އަދި އެ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓް، އެޗް.ޑީ.ޔޫ އުމުރުން 59 އަހަރުގެ ފިރިހެނަކަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސްޑޭބަލްކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިން މީހާ ފަރުވާއަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލުތަކަށްވެސް އެކިވަރުގެ ގެއްލުންވެފައިވެއެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަޙްޤީޤުކުރަމުންނެވެ.