ޚަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން


  • އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް 3 ބޭފުޅަކު ވާދަކުރެއްވި

  • ޕީޖީ ލީޑަރަކަށް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން އިންތިޚާބުވީ 28 ވޯޓާއެކު

  • މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން އިންތިޚާބުވެއްޖެއެވެ.

އެމް.ޑީ.ޕީގެ ހުސްވެފައިވާ ޕީޖީ ލީޑަރުގެ މަޤާމަށް ބޭފުޅަކު ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޕީޖީ ލީޑަރަކަށް ވާދަކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި 3 ބޭފުޅަކު ވަނީ އެ މަޤާމަށް ވާދަކުރައްވާފައެވެ. އެއީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިންގެ އިތުރުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލްޙަކީމާއި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އެ ޕާޓީން އިޢުލާންކޮށްފައިވާއިރު، މި މަޤާމަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން އިންތިޚާބުވެވަޑައިގަތީ 28 ވޯޓާއެކުގައެވެ. އެމަނިކުފާނާއި އެންމެގާތުން ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުުﷲ ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލްޙަކީމަށް ލިބިވަޑައިގަތީ 2 ވޯޓެވެ.


އެމް.ޑީ.ޕީގެ ޕީޖީ ލީޑަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ޢަދަދެއްގެ މެންބަރުން ތަމްޞީލުކުރަމުންދަނީ އެމް.ޑީ.ޕީންނެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ޖުމްލަ 56 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.